
މި ސަރުކާރުގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރު ދިނުން: ރައީސް
މި ސަރުކާރުގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތުއްތު ކުދިންގެ އުމުރުން ފެށިގެން ހުރިހާ އުމުރުފުރާއެއްގެ ރައްޔިތުންނަށް ކަންކަން ތަރުތީބު ކުރުމުގައްޔާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަސާސަކީ އިސްލާމްދީން ކަމަށެވެ.
ނަމަވެސް މީގެ ކުރީގެ ވެރިކަންތަކުގައި ގެންގުޅުނީ އަބަދަކު ހަމައިގައި ތިބެން ނުޖެހޭނެ ކަމަށް ބުނުމުގެ ސިޔާސަތު ކަމަށާއި، އެކަމުގެ އެއް މިސާލަކީ މަސްތުވާތަކެއްޗާއި ވޭޕް ފަދަ ތަކެތި އާންމު ކުރުމުގެ ސިޔާސަތު އެ ފަރާތްތަކުން ގެންގުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީއެންސީން ވެރިކަމާ ހަވާލުވީއިރު، މަސްތުވާތަކެއްޗާއި ވޭޕް ބޭނުންކުރުން އިންތިހާ ދަރަޖައަށް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ބިނާކުރުވަނިވި ފިކުރުގެ ސަބަބުން މިފަދަ ކަންކަން މަދުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ކަންކަން ތަންފީޒުކުރަމުންދަނީ މީގެ ކުރިން އެކަން ހިނގަމުންދިޔަ ގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން މަސްތުވާތަކެތި ނައްތާލައި، މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމަނައި އެ ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، ވޭޕް މަނާކޮށް ޖެނެރޭޝަނަލް ބޭންއެއް ތައާރަފްކުރުން ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. މިކަމުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް، ގައުމަށް ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.