Article Image

ގައުމީ ދިފާއީ ބާރުގައި 21 އަހަރު ހިދުމަތް ކުރެއްވި ސާޖަންޓް ޙުސައިން ޢަބްދުއްރަޙްމާން ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙްމާން (ސނ: 5536)، މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ޙުސައިން ޢަބްދުއްރަޙްމާން ނިޔާވި ހަބަރު އެއްސެވީ ވަރަށް ފުންހިތާމައާއެކުގައި ކަމަށެވެ.

ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިހްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މި ފުން ހިތާމައިގެ ވަގުތުގައި ޙުސައިން ޢަބްދުއްރަޙްމާންގެ އާއިލާއަށާއި ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނަށް ތައުޒިޔާ ދަންނަވައިފައެވެ.

ރައީސް ވަނީ ޙުސައިން ޢަބްދުއްރަޙްމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވައިފައެވެ.