
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ކަމެއް ކަމަށެވެ. އަދި މި ބޮޑު ހިތާމައިގައި މަރުޙޫމްގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ވަނީ ރައްދުކުރައްވާފައެވެ.
ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައި، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއްގެ އުސްތާޛެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ. "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން،" ރައީސް ވިދާޅުވިއެވެ.
ޝައިޚް އަވަހާރަވުމާ ގުޅިގެން، މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޖަނާޒާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞައީދު ވިދާޅުވީ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައިކަމަށެވެ.
ޢިލްމު ފެތުރުއްވެވުމުގައި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުވަނީ ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ.
ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް އަރުވަލާފަައިވަނީވެސް އެމަނިކުފާނަށެވެ. ޑޮކްޓަރޭޓްގެ ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ. އެ ޝަރަފު އެމަނިކުފާނަށް އެރުވީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ.