
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބާރަކީ ރަށްތަކުގައި ހިންގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް: ރައީސް
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބާރަކީ ރަށްތަކުގައި ހިންގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ (MSME Day) ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގައި އެފަދަ ވިޔަފާރިތަކުން އަދާކުރާ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް، ހަރުދަނާ ކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަގާފީ މަސައްކަތްތެރިންނަށް ޚާއްޞަ ސެންޓަރުތަކާއި، ’ކްރިއޭޓަރ ހަބް‘ އަދި އެސް.އެމް.އީ ޑިޖިޓަލް ފައިނޭންސިންގް ތަޢާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހޯދައިދިނުމުގެ ގޮތުން ’އަލީބާބާ‘ ފަދަ ޕްލެޓްފޯމްތަކާއި ’ޕޭޕަލް‘ ފަދަ ފައިސާ ފޮނުވުމުގެ ނިޒާމުތަކުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެގޮތުން 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ކުރެވިގެންދާނެ ދެ އަހަރު ކަމުގައި އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.