Article Image

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ވަނަ އަހަރުގެ މެދަކާއި ހިސާބަށް ދާއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، މި އަހަރުގެ ތެރޭގައި ވަރަށް ބޮޑުކުރިއެރުމެއް ފެންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފެށި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ދައުރުގެ ތެރޭގައި ނިންމިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށްލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކި ގައުމުތަކާއި އެކު އޮންނަ ގުޅުމުގެ ތެރެއިން، މިސާލަކަށް އިންޑިއާ އަދި ޗައިނާ ސަރުކާރު، މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރަނީ އިތުރު މަޝްރޫއުތައް ފެށުމަށް. އަމަލީ ގޮތުން ފްލެޓް އެޅުމުގައި މި އަހަރު ތެރޭގައި އިތުރު ކުރިއެރުންތައް ފެނިގެންދާނެ." – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ހަވާލުކޮށްފައިވާއިރު، މިހާރު އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ، އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ އިތުރުން ބީއެމްއެލްއިން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ގޯއްޗާއި ފުލެޓާ ގުޅުންހުރި ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބެލުމަށްފަހު މި އަހަރުގެ ތެރޭގައި ލިސްޓް އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.