
ތިލަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް އަދި ނެތް: ރައީސް
ތިލަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި އެކަމާ ގުޅުންހުރި އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށްނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް އަދި ދިރާސާއެއް ވެސް ކުރިއަށްނުދާ ކަމަށާއި ސަރުކާރުން އެކަމަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ސިނަމާލެ ބްރިޖުން ވެސް ޓޯލް ފީއެއް ނެގުމާ ގުޅޭ މަޝްވަރާއެއް ވެސް ކުރިއަށްނުދާކަން ރައީސް ފާހަގަކުރެއްވިއެވެ. ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމުގެ ދިރާސާތައް އެމަނިކުފާނު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ކުރިއަށްދިޔަ ނަމަވެސް، މި ސަރުކާރުން އެކަމުގައި ކުރިއަށްދާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިފަހައްޓާފައިވާ އުސޫލާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނަގަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ތަކުރާރުކޮށް ރައީސް ވިދާޅުވަމުން ގެންދެވީ ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަކީ މި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަމެއް ނޫން ކަމަށެވެ.
2018 ވަނަ އަހަރު ސިނަމާލެ ބްރިޖު ހުޅުވުނީއްސުރެ މިއަދާއި ހަމައަށް ވެސް އެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނުނަގާކަން ފާހަގަކޮށްލަންޖެހެއެވެ.