
ވައުދުވީ ލ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްގީކުރަން، ރަށް ކަނޑައެޅީ އިގުތިސާދީ ފައިދާއަށް ބެލުމަށްފަހު: ރައީސް
ލ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްގީކުރުމަކީ ވެލެއްވި ވައުދުފުޅެއް ކަމަށާއި ނަމަވެސް އެއަރޕޯޓު ތަރައްގީކުރާނެ ރަށެއް ކަނޑައެޅުއްވީ އިގުތިސާދީ ގޮތުން ލިބޭނެ ފައިދާތަކަށް ބެއްލެވުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއަރޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަކީ އިގުތިސާދީ ގޮތުން އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. މީގެ އިތުރުން އެކަން އެ ގޮތަށް ކޮށްފިނަމަ މުޅި ހައްދުންމައްޗަށް ވެސް އެކަމުގެ ފައިދާކުރާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ މިދިޔަ ދެ އަހަރު އެކި ގޮތްގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ކުރަންޖެހޭ ދިރާސާތައް ވެސް މި މަޝްރޫއު ކުރިއަށްގެންދިއުމުގެ ކުރިން ބަލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ވައުދުވީ ލ. އަތޮޅުގައި އިތުރު އެއް އެއާޕޯޓު ޖުމުލަ ދެ އެއާޕޯޓު، ދެން އަޅުގަނޑާ ހަމައަށް އެކަމަށް އެދި ތިން ރަށަކުން އައި. އެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ރަށް ސަރުކާރުން މިދިޔަ ދެ އަހަރު އެކި ގޮތްގޮތަށް ބަލައި ދިރާސާތައް ހަދާފައި ނިންމީ," – ރައީސް ވިދާޅުވިއެވެ.
ލ. އަތޮޅުގައި މިހާރު އެއަރޕޯޓެއް އޮންނަނީ ހަމައެކަނި އެ އަތޮޅު ކައްދޫގައެވެ. އެއީ އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫއާއި އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ގަމާއި ލިންކް ރޯޑަކުން ގުޅާލާފައި އޮންނަ ރަށެކެވެ. ލ. އަތޮޅުގެ ދެވަނަ އެއަރޕޯޓް ތަރައްގީކުރާނެ ރަށެއް ހައުސިންގ މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ސަރުކާރުން ނިންމީ އިސްދޫ-ކަލައިދޫގައި އެ އެއަރޕޯޓް ތަރައްގީކުރުމަށެވެ.