
ފަރަންސޭސިވިލާތުގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އާދީއްތަ ދުވަހު، ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވައިފައެވެ.
އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަހުގީގުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.