Article Image

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނިންމައި އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ކުޑަކުރަން ނިންމީ ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް މީގެ ކުރިން ސިނގިރޭޓުން ނަގަމުންއައި ޑިއުޓީ ބޮޑުކުރީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް އިތުރުވެދާނެ ކަމަށް ބެލެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދުންފަތުގެ ބާވަތްތަައް ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމަށް ބެލެވޭތީ އަޅުގަނޑުމެން ވިސްނީ މި ބަދަލު ގެންނަން، މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަކަށް ނުދެކެން،" – ރައީސް ވިދާޅުވިއެވެ.

ސިނގިރޭޓާ ގުޅުންހުރި ކުރިއަށްގެންދަނީ ވަކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި އެކަން ކުރިއަށްގެންދަނީ މި މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ހަދަން ވަށައިޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ޖެހުނީ، ސިނގިރޭޓު އަގު ބޮޑުކުރުމުގެ ސަބަބުން އެެހެން ބާވަތްތައް އާންމުވުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އޭގެ ތެރޭގައި ސިނގިރޭޓަށްވުރެ މާބޮޑަށް ސިއްހަތަށް ނުރައްކާތެރި ބާވަތްތައް ވެސް ހިމެނޭ ކަމަށެވެ.