
ވަށާޖެހޭ ސިޔާސަތެއްގެ ދަށުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެކަމުގެ އަސްލު ސަބަބުތައް ދެނެގަނެ، ވަށާޖެހޭ ގޮތަކަށް އެ މައްސަލައަށް ހައްލު ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ،"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ގެނެސްދިން މި އެޕިސޯޑުގައި، "ދަ ޕްރެސް" ނޫހުން ދެންނެވި ސުވާލުތަކަށާއި އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުޢޫރުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފާއި "ދަ ޕްރެސް" ނޫހުގެ ނޫސްވެރިއަކު ބައިވެރިވި މި ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަކީ ސަރުކާރުގެ މައިގަނޑު އެއް މަފްހޫމް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ ހައްލުކުރެވޭނީ މަތިމަތިން ކަމެއް ކޮށްލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މިކަމަށް މެދުވެރިވާ އަސްލު ސަބަބުތައް ނުވަތަ "ރޫޓް ކޯޒް" ތަކަށް ފަރުވާ ހޯދައިދޭންޖެހެއެވެ.
މިގޮތުން، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އާމްދަނީ ހޯދޭނެ މަގުތައް ބަންދުވެފައި އޮތުމަކީ ޒުވާނުން ކުށްކުރުމަށް މަގުފަހިވާ ސަބަބުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް އެހީތެރިވުމާއި، އަންހެނުން ބާރުވެރިކުރުވައި ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން މަޝްރޫޢެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަނޑައަޅާފައިވާ ޚާއްޞަ ސަރަޙައްދެއްގައެވެ.
މި މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، މިހާރު ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މިކަމުގެ އަމަލީ މަސައްކަތް ފެށި، މި ދައުރުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ: ރައީސް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ކަމަށްވާއިރު، ރައީސް މުޢިއްޒުގެ މި ވާހަކަފުޅުތަކުން ހާމަވެގެންދިޔައީ، މި މައްސަލައަކީ ހަމައެކަނި ސިއްހީ ނުވަތަ ގާނޫނީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިޖުތިމާޢީ އަދި އިޤްތިޞާދީ ހުރިހާ ދާއިރާއެއް ގުޅުވައިގެން ހައްލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ބަލައިގަންނަކަމެވެ.