Article Image

ލިޔުންތެރިންނަކީ ޙައްޤުބަސް ފެތުރުމާއި، ރީތިކޮށް މުޚާޠަބުކޮށް އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމަށާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ފަދަ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ލިޔުންތެރިންގެ ޒިންމާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ލިޔުންތެރިން ވާންޖެހޭނީ މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ ފަދަ، އަދި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލެއްވީ، ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވަމުންދާ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ދިވެހި ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫހެއް ނެރެން ފެށި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ.