Article Image

މައިންނަށް ދީފައިވާ ލުއިތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ފަސްޓްލޭޑީ އިލްތިމާސްކުރައްވައިފި

ދުނިޔޭގެ ގާތުން ދިނުމުގެ ހަފުތާ ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި މައިންނަށް ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މި މެސެޖުގައި އެކަމަނާ ވަނީ ކުޑަކުދިންނަށް ގާތުން ކިރުދިނުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި ސަރުކާރުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ބާރުއަޅުއްވާފައެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ގާތުން ކިރުދިނުމަކީ ހަމައެކަނި ކުއްޖާއަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމެއް ނޫން ކަމަށާއި، އެއީ ކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، ނަފްސާނީ ދުޅަހެޔޮކަމާއި މުޅި އުމުރަށް ބޭނުންވާ ޞިއްޙީ ދުޅަހެޔޮކަމުގެ ބިންގާ އަޅައިދޭ ކަމެއް ކަމަށެވެ. އަދި ކޮންމެ ފަހަރަކު ކިރުދިނުމަށާއި، ދަރިފުޅަށްޓަކައި މައިން ހޭދަކުރާ ކޮންމެ ވަގުތަކީ ލޯތްބާއި ގުރުބާނީގެ ނަމޫނާއެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް 2 އަހަރު ވަންދެން މުސާރަ ލިބޭ ގޮތަށް "ނާސިންގ ބްރޭކް" ނުވަތަ ކިރުދިނުމުގެ ވަގުތު އިތުރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ވިހެއުމާ ގުޅިގެންދޭ މުސާރަ ލިބޭ ޗުއްޓީ ރައްކާތެރިކޮށްދީ، މުޅި ރާއްޖޭގައި ތަރުބަވީ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ލިބިދީފައިވާ މި ޙައްޤުތަކާއި ލުއިތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް. މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، މަސައްކަތުގެ މާހައުލާއި، މުޅި މުޖުތަމައުގެ ފަރުދީ ޒިންމާއެއް :މެޑަމް ސާޖިދާ

މިއަހަރުގެ މައިމީހާގެ ކިރުދިނުމުގެ ހަފުތާގެ ޝިއާރަކީ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުން ކިރުދިނުން: ކާމިޔާބު ކަންކަން އިތުރަށް ވަރުގަދަކުރުން" (Breastfeeding for a Sustainable Start in Life: Strengthen What Works) އެވެ. މި ޝިއާރާ އެއްގޮތަށް، ކުޑަކުދިންނަށް ދުޅަހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ފަސްޓްލޭޑީ ވަނީ ގޮވާލައްވާފައެވެ.