Article Image

އޮޑިޓް އޮފީހުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ރައީސް އިފްތިތާޙްކޮށްދެއްވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ "ސްޓްރެޓީޖިކް ޕްލޭން 2026-2029" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ އއ. އުކުޅަހުގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ (ސައިޒް އޮފް ސިޑްސް) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އައު ޕްލޭނަކީ އޮޑިޓް އޮފީހުގެ އިސްތިރާތީޖީ މިޞްރާބުތަކާއި، ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައަޅާފައިވާ މުހިންމު އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލާފައިވާ މަގުޗާޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، މި ސްޓްރެޓީޖީ ބައްޓަންކޮށްފައިވަނީ ޒަމާނީ، އިތުބާރު ހިފޭ އަދި ނަތީޖާއަށް ބިނާކޮށްފައިވާ ދުރުވިސްނުމެއްގެ މައްޗަށް ކަމަށެވެ. އަދި މި ޕްލޭންގެ ދަށުން ދައުލަތުގެ ދަރަނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމުގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމަށް ޚާއްޞަ އިސްކަމެއް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޮޑިޓް އޮފީހުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮރެންސިކް އޮޑިޓާއި، އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ފަދަ ޚާއްޞަ ދާއިރާތަކަށް އަމާޒުކުރުމަކީ މި ޕްލޭންގެ މުހިންމު ބައެކެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމާއި، މަސައްކަތްތަކުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރުކޮށް، ޒަމާނީ އޮޑިޓް މެތޮޑޮލޮޖީތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

އައު ސްޓްރެޓީޖިކް ޕްލޭންގައި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ދައުލަތުގެ ސެކްޓަރުގެ އޮޑިޓް ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ބާރުއަޅާފައެވެ. މި ޕްލޭނަކީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.