Article Image

ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް: ފަސްޓްލޭޑީ

ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ ރާއްޖޭގެ ޒުވާނުންނަށް ހިތްވަރުދެއްވައި މުހިންމު މެސެޖެއް ދެއްވައިފައެވެ. އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޒުވާނުންނަކީ ތަފާތު ރަށްރަށުގައި، ތަފާތު މާހައުލުތަކެއްގައި ބޮޑުވަމުން އަންނަ ބަޔަކު ކަމުގައިވީނަމަވެސް، ކޮންމެ ޒުވާނަކު ދެކޭ ހުވަފެނަކީ ވެސް އަގުހުރި އަދި މުހިންމު އެއްޗެއް ކަމަށެވެ.

ކޮންމެ ޒުވާނަކަށް ވެސް ހަޔާތުގެ ދަތުރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި މަގުދައްކައިދިނުމުގައި މުޖުތަމައުގެ ދައުރު ނުހަނު ބޮޑު ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންވީ، ޒުވާނުންގެ ހުވަފެންތަކާއި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އެއްވެސް ހުރަހެއް ނެތް ރާއްޖެއެއް ބިނާކުރުމަށް ކަމަށެވެ. މީގެ އިތުރުން، ޒުވާނުންގެ ގާބިލިއްޔަތާއި އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބާރުދެއްވަމުން، އެއްވެސް ޒުވާނަކީ ބާކީވާނެ މީހަކަށް ނުހެދުމަށް އެކަމަނާ ވަނީ ގޮވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ތައުލީމީ އަދި ފަންނީ ދާއިރާތަކުން ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އިސްކަންދެއްވާކަން ފާހަގަކުރެވެއެވެ.