Article Image

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މެޑަމް ސާޖިދާ މި ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކަމަނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެކަމަނާ ވަނީ ޤައުމީ ދުވަހުގެ ބަޠަލް، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (ބޮޑުތަކުރުފާނު) ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި ހިތްވަރު، އަދި އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަމުގެ ރީތި މިސާލެއް ކަމަށެވެ. މީގެ އިތުރުން، ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ އައުކުރައްވަމުން، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި މަތިވެރި ނަޞްރާއި މިނިވަންކަމުގެ ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ.