
ބޭރުގެ ބާރުތަކުގެ ނުފޫޒުގައި ދިވެހިން ގިރިގެން ގޮސްގެން ނުވާނެ: ރައީސް
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ބޭރުގެ ބާރުތަކުގެ ނުފޫޒުގެ ތެރޭގައި ދިވެހިން ގިރިގެން ގޮސްގެން ނުވާނެ ކަމަށާއި، ދިވެހިންނަކީ އެއަށްވުރެ މާ ހަރުދަނާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ ބަޠަލު އުތީމު މަހާރަދުންގެ ސީރަތުން ފެންނަ އެންމެ މުހިންމު އެއް ފިލާވަޅަކީ އެ ބޭފުޅުން ގެންގުޅުއްވި ހަރުދަނާ ޑިޕްލޮމަސީ ނުވަތަ ޚާރިޖީ ސިޔާސަތު ކަމަށެވެ. ޕޯޗުގީޒުންނާ ގުޅުން ބޭއްވިއިރުވެސް، ބޮޑުތަކުރުފާނު މަސައްކަތްޕުޅު ކުރެއްވީ ޤައުމުގެ މިނިވަންކަމާއި އިސްލާމީ އީމާންތެރިކަންމަތީ ސާބިތުވެ ތިއްބަވައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެ. ދިވެހިންނަކީ، އިސްލާމުންނަކީ އެއަށްވުރެ މާ ހަރު ބައެއް، ހަރުދަނާ ބައެއް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ ދީނާއި ޤައުމީ ސިޔާދަތާއި މިނިވަންކަމާ އެކީގައި،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާކަން ތާރީޚުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ރާއްޖޭގެ މިނިވަންކަމުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.
ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، ޤައުމީ ދުވަހުގެ ބަޠަލުން ފަދައިން، ބައިބައިވުންތަކާ ދުރުވެ، އެއް ރޫޙެއްގައި ޤައުމީ ވިސްނުން އިސްކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.