
އިސްލާމްދީނާ ޚިލާފު ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ
ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ދުވަހުން ލިބިދޭ އެންމެ މުހިންމު އެއް ޢިބްރަތަކީ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާކަން ފާހަގަކުރެއްވިއެވެ. އަދި ދީނަށް އިހާނެތިކޮށް ހިތުމަކީ އޭގެ ހިތިކަމާއި ނިކަމެތިކަން އިންތިހާއަށް ބޮޑު ކަމެއްކަން ބަޔާންކުރައްވަމުން، ދިވެހި ޤައުމުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ މަދަކީ ކީރިތި ޤުރްއާން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚީ ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދާންޖެހުނު މައިގަނޑު ސަބަބަކީ ދިވެހިންގެ ތެރެއިން މީހަކު އިސްލާމްދީން ދޫކޮށްލުން ކަމަށެވެ.
ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން. އެ ޚިޔާނާތްތެރިވެވުނީ ދިވެހި ޤައުމަށާއި، ދައުލަތަށާއި، މިނިވަންކަމާއި ސިޔާދަތަށް،: ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އުތީމު ތިންބޭން ކުރެއްވި ޖިހާދަކީ ދީނާއި ޤައުމުގެ ސަލާމަތަށްޓަކައި ކުރެއްވި މަސައްކަތެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން ގެއްލި ނުވަތަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
އެހެންވީމާ އަޅުގަނޑު މިއަދު ޤަޞްދުކުރަނީ މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން. އަޅުގަނޑު މި ނިންމަނީ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށްހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވައި، އެ ކަން އިޢުލާނުކުރަން: ރައީސް
ރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށް އޮތް ނަމަވެސް، އެކަން ކަށަވަރުކުރާނެ ހަރުދަނާ ނިޒާމީ އޮނިގަނޑެއް މިހާތަނަށް ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.