Article Image

ޕީއެންސީ މެމްބަރުންގެ އަދަދު 80 ހާހުން މައްޗަށް!

ޕީއެންސީގެ މެމްބަރުންގެ އަދަދު 80،083 އަށް އަރާފައިވާކަން، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި މި ޖަލްސާގައި މިރެއާ ހަމައަށް ޕާޓީގެ މެމްބަރުންގެ އަދަދު 80،083 އަށް އަރާފައިވާކަން އިއުލާންކުރެއްވީ ޕާޓީގެ ރައީސް ޑރ. މުޢިއްޒުއެވެ. ޕީއެންސީގެ ކޮންގްރެސް، 15 ސެޕްޓެމްބަރު 2026 ގައި ފެށުމާ ހިސާބަށްވެސް އެ ޕާޓީއަށް ވަނީ 79،000 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައެވެ.

ރާއްޖޭގައި މިވަގުތުއޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީވެފައިވާއިރު، 1،000 އަށް ވުރެ ގިނަ މަންދޫބުންގެ ކުރިމަތީގައި ރައީސް ޑރ. މުޢިއްޒުއަށް ވަނީ ކުރިއަށް އޮތް ރިޔާސީ ޓިކެޓްވެސް އަރުވާފައެވެ. އެމަނިކުފާނަށް ޓިކެޓު އަރުވައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް އެރުވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ވަނީ 129,159 (54.04 އިންސައްތަ) ވޯޓު ހޯއްދަވައި، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން ހޯދާފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައްކަންޖެހިފައި ހުރި ބޮޑެތި ދަރަނިތައް ދައްކައި ނިންމަވައި، ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރެއްވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނާއި، 524.68 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނޭހެން ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ވަނީ ދައްކާފައެވެ.

އޭގެ އިތުރުން، ޒުވާނުން އަޚުލާގީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ފެށި "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމާއި، 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން ތަމްރީނުކުރުމާއި، ކީރިތި ގުރްއާން ހިތުދަސް ހާފިޒުންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ވެސް ކާމިޔާބު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާކަމާއި، އޭގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ނިމިގެންދާނީ 2027 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، ސަރުކާރުގެ ބޮޑު އަމާޒަކީ 2040 ވަނަ އަހަރަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމެވެ.