ގދ. ގައްދޫ ބިން ހިއްކުމާއި، ހޮސްޕިޓަލްގެ މަސައްކަތާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ގދ. އަތޮޅު މަދަރުސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިންހިއްކަން ބޭނުންވާކަމަށާއި އެރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ބޭނުންވާކަމަށާއި ތަޢުލީމީ ދާއިރާއިން ރަނގަޅުކުރަން ހުރި ކަންކަމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.