Article Image

ރާއްޖޭގައި ދަނޑުވެރިކަން ޤައުމީ ފެންވަރެއްގައި ތަރައްޤީކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭނަން: ރައީސް

ރާއްޖޭގައި ދަނޑުވެރިކަން ޤައުމީ ފެންވަރެއްގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. މި ބައްދަލުކުރެއްވުންއޮތީ މިއަދު ގއ. ކޮނޑޭ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު އިތުރަށް ބޮޑުކުރަން ބޭނުންވާކަމަށާއި ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝާން އިމާރާތުގެ މަސައްކަތް ކުރިޔަށްގެންގޮސް ކުދި ޓެސްޓްތައް ހެދޭވަރަށް ލެބޯޓްރީގެ ޚިދުމަތް ތަރައްޤީކުރުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ކަރަންޓް ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން،ފެނާ ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން އެދޭ ބަދަލުތަކާއި ރަށުގެ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު އިތުރުކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދަނޑުވެރިކަން ޤައުމީ ފެންވަރެއްގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެމަސައްކަތް ކުރުމުގައި ރާއްޖޭގައި އެމަސައްކަތް ކުރެވޭނެ ބިން އޮތް ރަށްރަށަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވިއެވެ. ހަމަ ހަމައެއާއެކު ލޯކަލް ޓުއަރިޒަމް ސިންދަފާތުކޮށް އެކިދާއިރާއަށް އަމާޒުކޮށް ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ސަމާލުކަންދެއްވައިގެން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.