
65 އަހަރާ ދޭތެރޭގަ ރިޓަޔާމަންޓަށް ދާ ބޭފުޅުންނަށް އެލެވެންސެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް
65 އަހަރާ ދޭތެރޭގަ ރިޓަޔާމަންޓަށް ދާ ބޭފުޅުންނަށް އެލެވެންސެއް ތާރަފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުމުރުން 55 ވެގެން ރިޓަޔަރވާ ސިވިލްސާވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ ގއ.ގެމަނަފުށީ ސްކޫލް ޓީޗަރެއްކަމުގައިވާ އެރަށު މުޝްތަރީގޭ، މުޙައްމަދު ނާފިޒް، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށާއި އެ ވަޢުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރަން ޖެހޭ ޤާނޫނީ މަސައްކަތްތައްވެސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެން އަޅުގަނޑުގެ ރިޔާސީ ވައުދެއް ދެންމެ ތި ވިދާޅުވެވުނީ ފަންސާސް ފަސް އަހަރުވެގެން ފަސްދޮޅަސް ފަސް އަހަރާ ދޭތެރޭގަ ރިޓަޔާމަންޓަށް ދާ ބޭފުޅުންނަށް އެލެވެންސެއް ތާރަފުކުރުން. އެކަމާގުޅޭ އިދާރީ މަސައްކަތް ރައީސް އޮފީހުން މިހާރު ފަށައިފި ދެން އަޅުގަނޑުމެންގެ ލީގަލް ޓީމު އެޓާނީ ޖެނެރަލްއާ ގުޅިގެން މިހާރުކުރެވޭ މަސައްކަތެއް އިނގޭތޯ ގާނޫނުގެ ތެރެރއިން މިއަށް މަގުފަހި ކުރަން ޖެހޭ. އެހެންވީމަ މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއްވެސް ހުންނާނެ ކަންނޭގެ އެހެންވީމަ އިދާރީ މަސައްކަތް، ގާނޫނީ މަސައްކަތް މިހާރުމި ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް މިކަމުގަ ހަމަ ބޭނުންވާ ކަމެއް ވީމަ : ރައީސް މުޢިއްޒު
ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި، އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ އިސްލާހުތަކެއް ހުންނާނެކަމަށް މައުލޫމާތު ލިބިފައިވާތީ އެހެންވީމަ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި، ވަޢުދާއި އެއްގޮތަށް އެކަން ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.