މުރައިދޫގެ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ނިންމާނަން: ރައީސް
މުރައިދޫގެ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހާމަކޮށްދެއްވައި ހއ.މުރައިދޫ އަންގޫރުމާގޭ، ޙަސަން ރިޔާޝް، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ އެއީ މުރައިދޫއަށް އެންމެ މުހިންމު އެއް ސުވާލު ކަމަށެވެ. މިއާއިއެކު ރައީސް ވަނީ މުރައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ތަފްސީލް ކޮށްދެއްވާފައެވެ.
އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖްލީހުން ބަޖެޓް ކަނޑައެޅުމުގައި ކަންކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، އެކަމުގެ ތަފްސީލް ރައީސް ހިއްސާ ކުރެއްވިއެވެ.
ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. ދެން މި މަސައްކަތް ހުއްޓިފައި މިއޮތީ މަސައްކަތް ފަށާފަ އެމަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތުމުން، ޙަޤީޤަތުގައި ވާގޮތަކީ އަލަށް މިފަހަރުގެ ބަޖެޓް ހެދިއިރުގަ މީގެކުރީގައި ދުވަހަކުުވެސް ބަޖެޓް ހަދާއިރުގަ ނުކުރާ ކަމެއް މިހާރުއޮތް މަޖްލީހުން ކޮށްފައޮތީ. އެއީ އޮން ގޮއިންގ މަޝްރޫޢެއް ވެއްޖިއްޔާ ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމަނާނެ. އަލަށްފަށާ މަޝްރޫޢެއް ވެއްޖިއްޔާ ބައެއްފަހަރު 15% ކިރިޔާ ދޭވަރަށް ހިމަނަފާނެ. އެކަމަކު މިފަހަރު ހިނގަ ހިނގާހުރި މަޝްރޫޢުތަކަށް އެބަހުރި އެންމެ ބިލެއް ނުދެއްކޭ ވަރަށްވެސް ، އެއްބިލު ނޫނީ ދެ ބިލު ދެއްކޭ ވަރަށްވެސް. އެހެންވީމަ ނުހިންގިފަ މިހުރީ. ދުވަހަކުވެސް ރާއްޖޭގެ މަޖްލީހަކުން ކޮށްފައޮތް ގޮތަކަށްނޫން. އެހެންވީމަ ވަރަށް ގޯސްކޮށް ކޮށްފައޮތް ކަމެއް މަޖްލީހުން، އެކްސްކިއުޒެއްނޫން މިއީ ޙާލަތު ދަންނަވަން. އެހެންވީމަ ތި މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް މަސައްކަތް ގެންގޮސް ހަމަ ރައްޔިތުން އެދޭ ގޮތަށް މައްސަލަ ހައްލު ކޮށްދޭނަން. އިރާދަ ކުރެއްވިއްޔާ މުރައިދޫގެ ބަނދަރު ކަންތައް ނިންމާނަން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.