މިއަހަރު ނިމެންވާއިރަށް ބޮޑު ރަންވޭ އަކާއެކު މަކުނުދޫ އެއާޕޯޓު ހުޅުވޭތޯ އެބަ ބަލަން: ރައީސް
މިއަހަރު ނިމެންވާއިރަށް ބޮޑު ރަންވޭ އަކާއެކު މަކުނުދޫ އެއާޕޯޓު ހުޅުވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހދ. މަކުނުދޫ ވައިގެ ބަނދަރުގެ މަސައްކަތް ނިމި ދަތުރުފަތުރުކުރަން ފެށޭނީ ކޮންއިރަކުންތޯ އޮޅުންފިލުވުމަށް ހދ.މަކުނުދޫ، ލިބަޓީ އިފާސާ އަޙްމަދު، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް އޮންނަ އެހެން ރަށްތަކާ ޚިލާފަށް ދަތުރުފަތުރުވެސް ދަތި ރަށެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު ފެށިފައި އޮތް އެއާޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަންދެއްވާ މަސައްކަތެއް ކަމަށާއި، މަކުނުދޫގެ ރައްޔިތުން އެދިލައްވާގޮތަށް އެ މަޝްރޫޢު ބައްޓަންކޮށްގެން ގެންދަވާނެ ކަމަށެވެ. އަދި މިހާރު 15 ސަތޭކަ މީޓަރަށް ހަދަން އޮތް ރަންވޭ 18 ސަތޭކަ މީޓަރަށް ދިގުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް. އެހެން ރަށްތަކާ ޚިލާފަށް ދަތުރުފަތުރުވެސް ދަތި ރަށެއް. އެހެންވީމަ މިހާރު ފެށިފައިމިއޮތް އެއާޕޯޓުގެ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭ މަސައްކަތެއް. ދެން ރައްޔިތުން އެދިލައްވާގޮތަށް އަޅުގަނޑުމެން ބައްޓަންކޮށްގެން ގެންދާނީވެސް. ދެން މިހާރު އަޅުގަނޑު މިދެންނެވީ 15 ސަތޭކަ މީޓަރަށް ހަދަން އޮތް ރަންވޭ ވެސް އަޅުގަނޑުމެން ދިގުކޮށްދޭނަމޭ 18 ސަތޭކައަށް: ރައީސް މުޢިއްޒު
ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫޢު އާއިއެކު އިތުރު ކުރިއެރުންވެސް ލިބިގެންދާނެ ކަމަށާއި، ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. މިއާއިއެކު ރައީސް ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އެއާޕޯޓު ހުޅުވޭތޯ.މަސައްކަތްކޮށް މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އޭރުން އިތުރު ކުރިއެރުންވެސް ލިބިގެންދާނެ.ވަރަށް ބާރަށް ކުރިއަށް އެބަގެންދަން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން މިބަލަނީ އެޢޕޯޓު ހުޅުވޭތޯ.އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.