Article Image

ޚާއްޞަ އެހީއަށް ފަރުވާދޭ ޑޮކްޓަރުން ހުރިހާ އަތޮޅެއްގައި ބޭއްތިއްބުމާއި، ތެލަސީމިއާ ކުދިންގެ ބަޖެޓް އަންނަ އަހަރު ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ޚާއްޞަ އެހީއަށް ފަރުވާދޭ ޑޮކްޓަރުން ހުރިހާ އަތޮޅެއްގައި ބޭއްތިއްބުމާއި، ތެލަސީމިއާ ކުދިންގެ ބަޖެޓް އަންނަ އަހަރު ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އަތޮޅުތަކުން ފަހިކޮށްދޭން އެދޭ ބައެއް ޚިދުމަތްތަކާމެދު، އަދި ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމާމެދު ނ.މަނަދޫ، މާރިނދަ ވަސްމާ ޔޫސުފް، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް ވިދާޅުވީ އެކަންކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށާއި، ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ހޮސްޕިޓަލްގަ ޚާއްޞައެހީއަށް ބޭނުންވާ ކުދިން ޑޮކްޓަރުން ބައިތިއްބާގޮތަށް ޚިދުމަތެއް ތަޢާރަފްކުރާގޮތަށް ގަސްދު ކުރައްވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ތަމްރީން ކުރެވިފައިވާ ޑޮކްޓަރުން ވީހާވެސް ގިނަ އަތޮޅެއްގައި ޚިދުމަތް ދިނުމަށް މިއަހަރު ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށެވެ.

ތިކަމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކެއް. އަތޮޅު ހޮސްޕިޓަލް ތަކުގަ އަޅުގަނޑު ގަސްދުކުރަނީ އިރާދަކުރެއްވިއްޔާ ކޮންމެ އަތޮޅެއްގަވެސް އަތޮޅު ހޮސްޕިޓަލްގަ ތި ފާހަގަކުރިހެން ޑޮކްޓަރުން ބައިތިއްބާގޮތަށް ޚިދުމަތެއް ތަޢާރަފްކުރާގޮތަށް. ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ތެރަޕީތައް ދިނުމާ، ފިޒިއޮ ތެރަޕީ ދިނުމާ ސައިކެޓްރިސްޓުންގެ ކަންތައްތައް، އެއީ ޑޮކްޓަރުންހޯދަންޖެހޭ ސްޕެޝިއަލިސްޓުން ޓްރެއިންޑް މީހުން ހޯދަންޖެހޭ ކަމެއް. އެހެންވީމަ މިކަން ކުރަން އަޅުގަނޑު ނިންމާފައޮތީ.ބަލާނީ ވީހާވެސް އަވަހަކަށް އެކަން ހަމަ ޖައްސަން ހުރިހާ އަތޮޅެއްގަވެސް އަތޮޅު ހޮސްޕިޓަލްގަ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދޭނަން. ވީހާވެސް އަވަހަކަށް މިއަހަރު ތެރޭގައިވެސް ވީހާވެސް ގިނަ ހޮސްޕިިޓަލެއްގަ ޚިދުމަތް ފަށަން އަޅުގަނޑު ގަސްދުކުރަން: ރައީސް މުޢިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ ސްކޫލްތަކުގައި ސެން ކްލާސްތައް ފެށުމާއި، ސްކޫލްތަކުގައި ނުކުޅެދޭ ކުދިންނަށް ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުމަކީވެސް ވަރަށް އިސްކަންދެއްވާކަމެއް ކަމަށާއި، އެއީވެސް މެނިފެސްޓޯގައިކަނޑައަޅާފައި އޮތްކަމެއް ކަމަށެވެ. އެކަމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ޓީޗަރުން ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް އެކަމަށް ޚާއްޞަ ޓްރެއިނިންގ އެއް ލިބެން ޖެހޭނެ ކަމަށާއި، އެކަމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ޚާއްޞަކޮށް ސްކޫލްތަކުގަ ޤާއިމުކުރަންޖެހޭ ފެސިލިޓީތައް ޤާއިމު ކުރަންޖެހޭނެ ކަމަށާއި، އެކަމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އެކަމުގަ ކާމިޔާބު ލިބޭނެ. ސްކޫލްގަ ސެން ކްލާސްތައް ފެށުމާ، ސްކޫލްގަ ނުކުޅެދޭ ކުދިންނަށް ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުމަކީވެސް އެއީ ވަރަށް އިސްކަންދޭކަމެއް އަޅުގަނޑުގެ މެނިފެސްޓޯގައިވެސް ކަނޑައަޅާފައި އޮތްކަމެއް. އެކަމުގަވެސް ވަރަށް މަސައްކަތްކުރަންޖެހޭ. ޓީޗަރުންނެއް ނެތް ޙަޤީޤަތުގަ. އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް ސެން ސްޕެޝިއަލް، އެކަމަށް ޚާއްޞަ ތަޢުލީމެއް ޓްރެއިނިންގ އެއް ލިބެން ޖެހޭނެ. އެކަމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފަ. އެ ދާއިރާ އިން ޓީޗަރުން ތަމްރީނު ކުރުން. އަދި އެކަމަށް ޚާއްޞަކޮށް ސްކޫލްތަކުގަ ޤާއިމުކުރަންޖެހޭ ފެސިލިޓީތައް ޤާއިމު ކުރަންޖެހޭނެ. އެކަމުގެ މަސައްކަތް ފެށިފަ މިއޮތީ. ދެން ވީހާވެސް އަވަަސް ކުރަންޖެހިފަ މިއޮތީ. އެހެންވީމަ ޖަވާބަކީ ތިކަމަކީވެސް ކުރާނެ ކަމެކޭ ވަރަށް އަވަހަށް. އެކަމުގެ ނަތީޖާވެސް ވަރަށް އަވަހަށް ދައްކަދޭނަމޭ: ރައީސް މުޢިއްޒު

ރައީސް އިތުރަސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ އިނާޔަށް މިއަހަރު ބަޖެޓުގައ ހިމެނިފައެއް ނެތްނަމަވެސް، އަންނަ އަހަރުގެ ބަޖެޓް ތެރޭގައި ހިމަނަން ގަސްދުކުރައްވާ ކަމަށެވެ. އަދި މިހާރު ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސް ޕްލާންޓް ކަންތައް ހިލޭ ކުރެވޭ ގޮތަށް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މިއާއިއެކު ރައީސް ދެއްވި ޔަޤީން ކަމަކީ ތެލެސީމިއާ އަށް ޚާއްޞަ ހޮސްޕިޓަލް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ތެލަސީމިއާ ކުދިންގެ އިނާޔަށް މިއަހަރު ބަޖެޓުގައ ހިމެނިފައެއް ނެތް. އަންނަ އަހަރުގެ ބަޖެޓް ތެރެއަށް ލައިގެން މި އަންނަ އަހަރު ފަށަން ގަސްދުކުރަން. މިހާރު އެކުދިންގެ ބޯންމެރޯ ޓްރާންސް ޕްލާންޓް ކަންތައް އެއޮތީ ހިލޭ ކުރެވޭ ގޮތަށް ފަށާފަ ވަޢުދުވީ ގޮތަށް. އެކަން އެއޮތީ ކާމިޔާބުވެފަ. ތެލެސީމިއާ ހޮސްޕިޓަލް ޤާއިމް ކުރުމުގެ ކަންތައްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.