ރައީސްގެ ވަޢުދާއި އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފިއެވެ.
މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރެއިން އެ މަނިކުފާނުގެ އެންމެ އިސް އެއް ވަޢުދުކަން ފާހަގަކޮށްލެވެއެވެ.އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްލާފައި ވަނީ އިމަޖެންސީ ޙާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލުމަށް ހަމަޖެހިފައިވާއިރު،އެ ބޯޓުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ޞިއްޙީ ޚިދުމަތްތެރިން ތިބޭނެއެވެ.އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ ޚިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ޚިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރެއްވުމާއި އެ ޚިދުމަތް ރާއްޖެއިން ބޭރަށް ފުޅާ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.