ތުޅާދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ތުޅާދޫ ކައުންސިލުގެ އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާކަމަށާއި ކުނިކޮށި އަޕްގްރޭޑްކުރުމާއި ގެދޮރު އިމާރާތްކުރަން ލުއިލޯނު ތަޢާރަފްކުރުމުގެ މުހިންމުކަމާއި ތުޅާދޫއަށް އިޤުތިޞާދީ ފައިދާ ހޯދޭގޮތަށް އެ އަތޮޅު ފަޅުރަށެއް ކަމުގައިވާ އެނބޫދޫ ލިބޭގޮތަށް ހަމަޖެއްސެވުމަށް އެދުން ހިމެނެއެވެ.
މީގެ އިތުރުން ކައުންސިލުން ޚާއްޞަގޮތެއްގައި ވަނީ އެރަށަކީ ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ރަށެއްކަމުގައިވާތީ ދިވެހިންގެ އެ މަސައްކަތް ދިރުވާއާލާކުރުމުގެ ގޮތުން ލިޔެލާޖެހި ތަކެތި ބޭރުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފާއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.