Article Image

ސަރުކާރާއި ހަވާލުވީއިރު ކުންފުނިތައް އޮތީ ހިނގައިނުގަނެވޭ ވަރަށް އަނދަވަޅަކަށް ވެއްޓިފައި: ރައީސް މުޢިއްޒު

މިސަރުކާރާއި ހަވާލުވިއިރު ކުންފުނިތައް އޮތީ ހިނގައިނުގަނެވޭ ވަރަށް އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިރޭ ދ. މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް މުޅިން އިނދަޖެހިފައިވާ ކަމަށް ދިވެހި މަސްވެރިންނާއި ދިވެހި ރައްޔިތުންވެސް ޤަބޫލުކުރާ ކަމަށެވެ. ނިމިދިޔަ ސަރުކާރުން އެތައް މިލިއަން މަސްވެރިންނަށް ނުދައްކާހުރިކަމާއި، އޭގެތެރެއިން ބޮޑުބައި މިސަރުާރުން ދައްކާފައިވާކަމަށާއި، އަދިވެސް އިތުރަށް މަސްވެރިންނަށް ފައިސާ ދެއްމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާ އޮތީ އެއްކޮށް އިނދަޖެހިފައިކަން މަސްވެރިން ޤަބޫލު ކުރާނެ. 240 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހުރީ މަސްވެރިންނަށް ނުދީ . 9 ހާސް މިލިއަން ލައިގެން. އެ ފައިސާ ދައްކައިފިން. އިތުރަށްވެސް ގާތް ގަނޑަކަށް 400 މިލިއަން ދައްކައިފިން. އެ 240 މިލިއަން ވަނީ ދައްކާފަ. އިތުރަށް ވެސް މިދަނީ ފައިސާ ދައްކަމުން: ރައީސް މުޢިއްޒު

މީގެ އިތުރުން މިފްކޯއާއި، ފެނަކަ އަދި އާރުޑީސީ އާއި މިއިން ކޮންމެ ކުންފުންޏެއް ހިނގައި ނުގަނެވޭ ވަރަށް އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ފައިސާ ނުދެވިތިބި ކުންފުނިތަކާއި، ނުދެއްކިފައި ތިބި މީހުން ކޮންމެ ދުވަހަކުހެން ގެނެސް މަޝްވަރާކޮށް އެމީހުންނާއި ވާހަކަ ދައްކައިގެން ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ދެމުންދާކަމަށް ރައީސް ވިދާޅުވިއެެވެ.

މިފްކޯވެސް ހިމެނޭހެން، ފެނަކައާއި،އާރުޑީސީ އާއި މިއިން ކޮންމެ ކުންފުންޏެއް ހިނގައި ނުގަނެވޭ ވަރަށް އޮތީ އަނދަވަޅަކަށް ވެއްޓިފަ. ބިލުތަކުގެ މައްޗަށް ބިލު، ކޮންމެ ކުންފުންޏަކުންވެސް މިހާރު ކޮންމެ ދުވަހަކުހެން އެބަގެނޭ އެއްކަލަ ބިލު ތައް ނުދެއްކިފަ ހުރި މީހުން. އެ ކުންފުނިތައް ގެނެސް އެމީހުންނަށް އެބަ ޔަޤީންކަން ދެން މިވެނި ދުވަހަކާ ހަމަޔަށްދާންވާއިރަށް ތީގެ މިނެވި ވަރެއް ދައްކަދޭނަމޭ. ވާހަކަ ދައްކައިގެން އަޅުގަނޑުމެން މިބަލަނީ މިކަންކަން މެނޭޖް ކުރެވޭތޯ: ރައީސް މުޢިއްޒު

ކުންފުނިތަކުން ނުދެއްކިހުރި ފައިސާ ދައްކަމުން ތާވަލެއްދީގެން ބަލަނީ ހުރިހާ ބިލުތަކަށްވެސް ފައިސާ ދެއްކޭތޯ ކަމަށާއި، ކުންފުނިތައް ހަރުދަނާ ކޮށް ކުންފުނިތަކުން ބޭކާރު އިސްރާފުކުރުން ހުއްޓާލުމުގެ މަސައްކަތް ކުރަމުންދާކަމާއި މިކުރެވޭ ހުރިހާ މަސައްކަތެއްގެ ނަތީޖާ ފެނިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.