Article Image

ދ. މީދޫގައި 200 ހައުސިން ޔުނިޓް ޤާއިމްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ދ. މީދޫގައި 200 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރޭ މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މީދޫގައި ހިއްކާފައިވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ އެޅުއްވުމާއިއެކު ގެދޮރުއެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށާއި މިމަޝްރޫޢުގެ ތެރެއިން މީދޫގައި 200 ހައުސިން ޔުނިޓް އަޅުއްވާނެކަމަށެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނުގެ ގެދޮރުވެރިކަމާއިބެހޭ ތަސައްވުރު ހިއްސާކުރައްވާފައެވެ. އެގޮތުން އެކިރަށްތަކުގައި ހިއްކާފައިހުރި ބިންތައް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަކީ މި ސަރުކާރުން އިސްކަންދެއްވާނެކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއާއިއެކު ސަރުކާރުން ރޯހައުސް ނުވަތަ ފްލެޓް އަޅައި ދިނުމާއި ރައްޔިތުން އަމިއްލައަށް ގޯތި އެޅުމަށް ނުވަތަ ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ،ލުއި ލޯން އުސޫލުން ލިބޭނެ ނިޒާމެއް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީދޫ ބަނދަރު އެންމެ ޒަމާނީ ފެންވަރަށް, ޖާގަ ބޮޑުކޮށް, ތަރައްޤީކޮށްދެއްވާނެކަމަށާއި މީދޫގެ ހެލްތްސެންޓަރުގައި އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މީދޫގެ ރައްޔިތުން އެދިލައްވާފައިވާ ކަންކަމުގެ ތެރެއިން ކުޑަކުދިންނަށް ޕާކުތައް ތަރައްޤީކުރުމާއި ޒުވާނުންނަށް އެކި ކުޅިވަރުކުޅޭނެ ދަނޑުތައް ޤާއިމްކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީދޫ އަށް ވަޑައިގެން މީދޫގެ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން ހުޅުދެލި, ރިނބުދޫ އަދި ބަނޑިދޫ ކައުންސިލް މެންބަރުންނާއި އ.ތ.މ. ކޮމިޓީއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ކައުންސިލްތަކުން ވަނީ އެރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރައްވާފައެވެ.

މީދޫގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަމާއިއެކު ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވަނީ ފުއްދޭނެކަމުގެ ޔަޤީންކަމާއިއެކުގައި ކަމަށާއި އެވަޢުދުތައް އިޙްލާސްތެރިކަމާއިއެކު ފުއްދައިދިނުމަށް ކަމަށެވެ.