ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަނު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމަށް އިޝާރާތްކުރައްވައި އެގުޅުމަކީ އެއްގޮތް ގަބޫލުކުރުންތަކާއި އެއްޤައުމުން އަނެއް ޤައުމަށް އިޙްތިރާމު އަދާކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ސަރުކާރާ ބޮޑުވަޒީރާއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.އަދި ދެޤައުމުންވެސް ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމުކުރުމާއެކު އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނުގެ މެސެޖުގައިވެއެވެ.