Article Image

ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން ސޯލާ ޕަވަރ ބޭނުންކުރެވޭ ރިނިޔުބަލް އެނާޖީ ޕްރޮޖެކްޓްސްތަކެއް އަންނަ އަހަރުން ފެށޭނެ: ރައީސް

ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން ސޯލާ ޕަވަރ ބޭނުންކުރެވޭ ރިނިޔުބަލް އެނާޖީ ޕްރޮޖެކްޓްސްތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ.

ސްކޫލްތަކުން ކިޔަވާ ކުދިންނާއި ޓީޗަރުންވެސް އެންމެ ބޮޑަށް އެދޭ އެއްކަންތައް ކްލާސްރޫމްތައް ވަރަށް ހޫނުކޮށް ހުންނަ ވާހަކަ. އޭސީ ކޮށްދޭން އެދޭ ވާހަކަ. ކޮންމެމަހަކު ކަރަންޓް ބިލް ދައްކަން ބަލާއިރު މިއީ ކުރުމަކީ ދެކޮޅުޖެހޭނެ ކަމަކަށްނުވޭ.އެހެންވީމަ އަޅުގަނޑުމެން ގަސްދުކޮށްފަ މިއޮތީ މިއަންނަ އަހަރުން ފެށިގެން ސޯލާ ޕަވަރ ބޭނުންކުރެވޭ ރިނިޔުބަލް އެނާޖީ ޕްރޮޖެކްޓްސް ތަކެއް ހުރިހާ ސްކޫލެއްގަ ހިންގަން. ހިންގައިގެން އެއާއި ގުޅުވާލައިގެން އޭސީ ކުރަން ބޭނުންވާ ސްކޫލްތަކަށް އެ ފުރުޞަތުދޭން: ރައީސް މުޢިއްޒު

އެގޮތުން ކުރާ ފުރަތަމަ އިންވެސްޓްމެންޓް ، އިންވެސްޓްމެންޓް އަކަށް ވާނެ ކަމަށާއި،ދެން އޭގެން ލިބޭ ހަކަތައިން ދެމެހެއްޓެނިވި ގޮތެއްގައި ކްލާސްރޫމްތައް އޭސީ ކުރެވިގެންދާނެ ކަމާއި އަންނަ އަހަރު އެ މަޝްރޫޢު ފެށިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ހަމައެހެންމެ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަޙައްދު އެރަށާ ގުޅުވާލުމާއި އެސަރަޙައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެވާނެކަމުގައި ވިދާޅުވިއެވެ. އަދި އެސަރަޙައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ