ވ. ފުލިދޫ: ބަނދަރުގެ މަޝްރޫޢު އާއި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދާނީ އެންމެ ފައިދާވާގޮތަށް-ރައީސް
ވ. ފުލިދޫގެ ބަނދަރުގެ މަޝްރޫޢު އާއި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދާނީ ރަށަށް އެންމެ ފައިދާވާގޮތަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އިސްކަން ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ފުލިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.4
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ބައްލަވައި ރަށަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވިދާނެ ގޮތް ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ބްލޮކް ގްރާންޓުގެ 7 މަސް ދުވަހުގެ ލާރި ނުލިބުމުގެ މައްސަލައާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ލަފާ ފުރުމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި ބަނދަރު މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ބޭނުންވާކަމަށާއި ބަނދަރު މަޝްރޫޢުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަމާއި، ޑޮލަރު އަދި ދިވެހި ރުފިޔާ އޭ.ޓީ.އެމް އެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެކޮމިޓީއިން މަސައްކަތްކުރާނެ ވަކި އިދާރާއެއް ނެތުމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީއަށް މުސާރައެއް ހަމަޖައްސައިދެއްވުމަށް އެކޮމިޓީއިން އެދިވަޑައިގެންނެވިއެވެ.
ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.