ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާލިބޭނެ ގޮތްތައް ފަހިކޮށްދޭން: ރައީސް
ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާލިބޭނެގޮތްތައް ފަހިކޮށްދެއްވަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މާލެއަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމުގައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ގުރައިދޫގެ ބިންހިއްކުމާއި އަދި އިތުރުކުރެވޭ ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ހިމެނޭހެން ހުރިހާ އަސާސީ ޚިދުމަތެއް ޤާއިމުކުރުމުގެ ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުހިފާނީ ކައުންސިލުން އެދުނުގޮތަށް ގިނަ ކްލާސްރޫމްތަކާއި އަދި މަލްޓިޕަރޕަސް ހޯލްވެސް ހިމެނޭ އިމާރާތެއް ތަރައްޤީކޮށްދެއްވައިގެންކަމަށާ، ޞިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ރައްޔިތުން އެދޭފަދައިން ހަޤީޤީ މާނައިގައި ހޮސްޕިޓަލަކަށް އެތަން ބަދަލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.