ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވައެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައެވެ. އެގޮތުން މިހާތަނަށް 145 ކައުންސިލަކާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
މިދިޔަ ފެބްރުވަރީމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.