Article Image

އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއްނޫން: ރައީސް

ދިވެހިން އަމިއްލައަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއްނޫން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒަމާނީ ފެންވަރުގެ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ތަޢާރަފުކޮށް ދިވެހި ސިފައިންގެ އެއާ ކޯ އިފުތިތާޙުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށް ދެކިގެން ތިބި ތިބުން ބަދަލުކުރަންޖެހޭ ކަމަށެވެ.އަދި މިއަދަށްފަހު އަޅުގަނޑުމެން ޤަބޫލުކުރަންވީ މިއީ ބޮޑު ޤައުމެއްކަމަށް، ކަމަށާއި، އަދި މި ބޮޑު ޤައުމުގެ ސަރަޙައްދު ބެލެހެއްޓުމުގެ ކެޕޭސިޓީ ޤާއިމުވެފައިވާ ޤައުމެއްކަމަށް ޤަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ސައިޒުގެ ގޮތުން ބޮޑު އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް އޮތް ޤައުމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިސަރަޙައްދު ބެލެހެއްޓުމަކީ ދިވެހިން އަމިއްލައަށް ކުރަންޖެހޭ އަދި އަމިއްލައަށްކުރެވޭނެ ކަމެއް ކަމުގައި ދިވެހިން ޤަބޫލުކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރަހައްދު ގުޅިފައިވަނީ ދިވެހިރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމާކަމެވެ. އެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ އަމާޒު ކަމަށެވެ. ދިވެހިރާއްޖެއިން އެ އަމާޒުތައް ހާސިލުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަމިއްލައަށް ކުރެވޭނެ މަގުފަހިކުރުމަކީ އެކަމާމެދު އެހެން ޤައުމަކުން/ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤުތިޞާދީ ބޮޑު ސަރަހައްދުން ރާއްޖޭގެ ކުރިއެރުމަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި އެހެންކަމުން އެ ސަރަހައްދު ބަލަހައްޓަންޖެހޭނީ އަމިއްލައަށް. އަމިއްލައަށް އަމިއްލަ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން: ރައީސް މުޢިއްޒު

ޑްރޯން މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ޤާއިމުކުރެވުމާއެކު، 24 ގަޑިއިރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓިގެންދާނެކަންވެސް ރައީސްވަނީ އިޢުލާނުކުރައްވާފައެވެ.