Article Image

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފާށާނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހި (ހިޔާ ސަރަޙައްދު) ގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ހިޔާ ފްލެޓް H-12-02-01، ނިޝްރީނާ މޫސާ، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

މިދިޔަ 5 އަހަރު ހިޔާ ސަރަޙައްދަށް ވެފައިވާ އިހުމާލު ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ކޮށް، ކުޅިވަރުކުޅޭ ކޯޓުތަކާ ޕާކުތަކާ ހިތްފަސޭހަ މައިޒާންތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ހަގީގަތުގަ ހިޔާ ސަރަހައްދުގެ ކަންތައްތައް އެއްގޮތަކަށްވެސް ނުކޮށް ކުރިން ހުރީ އެހެންނަމަވެސް އަޅުގަނޑު މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް, އެއީ, ކުޅިވަރުކުޅޭ ކޯޓުތަކާ ޕާކުތަކާ ހިތްފަސޭހަ މައިޒާންތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފަ އޮތީ: ރައީސް މުޢިއްޒު

މިއާއިއެކު ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އެންމެގިނަ ރައްޔިތުން އެއްދިމާލެއްގައި ދިރިއުޅެ ސަރަޙައްދުކަމުން އެޗްޑީސީ މެދުވެރިކޮށް އެހެނިހެން ފަރާތްތަކާއި ގުޅިގެން ހިޔާ ސަރަޙައްދުގައި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

އެހެންވީމަ ހިޔާ ސަރަހައްދު އެންމެ ގިނަ ރައްޔިތުން އެއްދިމާލަކައް އުޅޭ ސަރަހައްދު ވީމަ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ،އަދި އެހެން ފަރާތްތަކާވެސް ގުޅިގެން އެކިކަހަލަ ކުޅިވަރުކުޅޭ ވަސީލަތްތައް ގާއިމުކުރަން. އޭގެ ތެރޭގަ ކަންބަލުންނަށް ބޭނުންވާ އެކިކަހަލަ ހޭންޑްބޯލް ކޯޓުތަކާ އެކިކަހަލަ ކުޅިވަރުތައްކުޅޭ ކޯޓުތައްވެސް ހިމެނޭނެ. އެހެންވީމަ ފޭސް ދެއެއްގަ ވަރަށް އަވަހަށް ތިކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ފަށާނަން: ރައީސް މުޢިއްޒު

މީގެ އިތުރުން ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަން ބާރުއަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މިހާރު ހަރުކުރަމުންދާ އާ ލިފްޓުތައް ހަދަމުންދަނީ ބަލިމީހުން ބާލަން ފަސޭހަވާނެހެން ސްޓްރެޗާރ އެރުވޭނެ ގޮތަށް ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.