Article Image

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލްގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަކީ މިސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިރާދަ ކުރެއްވިއްޔާ މިހާތަނަށް ހައްލުނުވެ އޮތް މިމުހިންމު މައްސަލަ ހައްލުކޮއްދެއްވާނެ ކަމަށެވެ.

ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަކީ އަޅުގަނޑުމެން ވަރަށް ވަރަށް އިސްކަންދޭ ސިޔާސަތެއް. އިރާދަ ކުރެއްވިއްޔާ މިހާތަނަށް ހައްލުނުވެ އޮތް މިމުހިންމު މައްސަލަ ހައްލުކޮއްދޭނަން: ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ އެމަސައްކަތް މިހާރު ހިނގަމުންދާކަމަށާއި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ މިސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި، ހެލްތު މިނިސްޓްރީއާއި ގުޅިގެން ކުރިއަށްދާ ޓެކްނިކަލް މަސައްކަތްތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިލިމާލެ ޓާޝަރީ ހޮސްޕިޓަލްގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދާކަމަށާއި، އެކަމަށް ބޭނުންވާ ބިންވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ދެން ފެންނާނީ ޢަމަލީގޮތުން ކަންކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއާއިއެކު ރައީސް ދެއްވި ޔަޤީން ކަމަކީ ވިލިމާލެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް، ވަރަށް އަވަހަށް ވިލިމާލޭގައި ޤާއިމުކުރަން މަސައްކަތް ފައްޓަވާނެ ކަމެވެ.

ވިލިމާލޭގަ އަޅުގަނޑު އިއުލާނުކޮއްފަ ވާނެ ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމަ އަޅުގަނޑު ޔަޤީންކަން މިދެނީ އިރާދަކުރެއްވިއްޔާ ވިލިމާލޭގަ ވިލިމާލެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގަ ޓާޝަރީ ހޮސްޕިޓަލެއް، ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ޤާއިމުކުރަން މަސައްކަތް ފަށާނަން: ރައީސް މުޢިއްޒު

ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ޕްރޮގްރާމްގައި ރައްޔިތުންގެ މިފަދަ މުހިންމު އެތައް ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވައެވެ.