އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާ އދ. ގެ ޤަރާރަށް ތަބާވާން ރައީސް މުޢިއްޒު ގޮވާލައްވައިފި
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާ އދ. ގެ ޤަރާރަށް ތަބާވާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އދ.ގެ ޤަރާރު ތަންފީޒުކޮށް އިސްރާއީލުން އެ ޤަރާރަށް ފުރިހަމައަށް ތަބާވުމަށް ރައީސް ގޮވާލެއްވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ހަމަލާތައް ހުއްޓާލުމަކީ ރޯދަމަހުގެ ތެރޭގައި ވެސް އިސްރާއީލުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށާއި އަދި މި ޤަރާރު ފުރިހަމައަށް ތަންފީޒު ކޮށް އިސްރާއީލުން މި ޤަރާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާ ކަމަށެވެ.
މީގެ އިތުރަށް ރައީސް ގެ ޕޯސްޓުގައި ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް މުޅި ދުނިޔެއިން މިހާރަށް ވުރެ އިތުރަށް ކަންކަން ކޮށްދޭން ޖެހޭ ކަމަށާއި އަދި މި ހަނގުރާމައަށް ދާއިމީ ހައްލެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމަށް ގޮވާލައްވާފައިވެއެވެ.
މިޤަރާރަށް ހަމާސް އިން މަރުހަބާކިޔާފައިވާއިރު އެ ޖަމާއަތުން ބުނެފައިވަނީ އަސީރުން ބަދަލުކުރުމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ނަމަވެސް އެކަން ކުރާނީ އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުން ދޫކޮށްލާ މަތިން ކަމުގައެވެ.
އދ. ގެ މިގަރާރަކީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގައި ހަނގުރާމަ ފެށިފަހުން އދ. ސަލާމަތީ ކައުންސިލުން މިގޮތަށް ގޮވާލި ފުރަތަމަ ފަހަރެވެ.