
ޕީޕީއެމް/ޕީއެންސީ މަޖްލިސް ކެމްޕޭން: ރައީސް މުޢިއްޒު މިއަދު ވަޑައިގަތީ މެދު ހެންވޭރު ދާއިރާއަށް!
ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ކެމްޕޭނަަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން މިއަދު ރައީސް ޑރ. މުޢިއްޒު ބައިވެރިވެ ވަޑައިގަތީ މެދު ހެންވޭރު ދާއިރާގެ ކެމްޕޭން ޙަރަކާތުގައެވެ.
މިއަދު މެންދުރުފަހު 14:00 ގައި ރައީސް ވަނީ މެދު ހެންވޭރު ދާއިރާއަށް ވަޑައިގަންނަވާފައެވެ. ރައީސްގެ އަރިހުގައި މެދު ހެންވޭރު ދާއިރާއިން މަޖްލިސް އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް ޙުސައިން ނާޞިޙް (ލަވްލީ) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޙަރަކާތުގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަޑައިގެންނެވިއެވެ. މިއަދުގެ ޙަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒު މަޖްލިސް ކެމްޕެއިން ރަސްމީކޮށް މާލެ ސަރަޙައްދުގައި ފައްޓަވާފައިވާއިރު، މިހާތަނަށް މާލޭގެ 8 ދާއިރާއަކަށް ރައީސް ވަޑައިގެންފިއެވެ.
ދާދި ފަހުން ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ ބައެއް ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާފައެވެ.