ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޢީދު ކުލަބޮކިން ދިވެހީންގެ ރާއްޖެ ދިއްލާލައިފި
ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޢީދު ކުލަބޮކިން ދިވެހީންގެ ރާއްޖެ ދިއްލާލައިފިއެވެ.
ކުލަގަދަކޮށް ޢީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް ޢީދު ފާހަގަކުރައްވާނެ ކަމަށެވެ.
މިކަން ތަޢާރަފްވީ މި ފަހުން މުޅިން އަލަށް މިދިޔަ އަހަރުގެ ބޮޑު ޢީދުގައި މާލޭ މޭޔަރުކަމުގައި ހުންނަވައިގެން މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ އިސްނެންގެވުމާއެކު މާލޭގެ މަގުތައް ކުލަގަދަ ބޮކިތަކުން ޒީނަތްތެރި ކުރެއްވުމާއެކުގައެވެ.އޭރު މި މަސައްކަތަށް ވަނީ ގިނަ ބައެއްގެ ތަރުޙީބު ލިބިފައެވެ.
އަތޮޅުތަކާއި ސިޓީތައް ހިމެނޭހެން ދިވެހީންގެ ރާއްޖެ ޢީދު ކުލަބޮކިން ދިއްލާލުމާއިއެކު ސަރުކާރަށާއި ރައީސް މުޢިއްޒުއަށް ދިވެހި ރައްޔިތުންގެ ޝުކުރާއި ތަޢުރީފުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ.