
މާދަމާގެ އިންތިޚާބުގަ ރައްޔިތުން އެހީތެރިކަން ދެއްވާ، އަޅުގަނޑު ނަތީޖާނެރެ ދައްކާނަން: ރައީސް
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތާއީދުކުރާ 93 ކެންޑިޑޭޓުންނަށް ވޯޓު ދީ އެމަނިކުފާނަށް ވަޢުދު ފުއްދުމުގައި ރައްޔިތުންގެ އެހީތެރިކަން ފޯރުކޮށްދޭން އެދިވަޑައިގަތުމާއެކު، އެ އެހީތެރިކަން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފިނަމަ ނަތީޖާ ނެރެ ދައްކަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމައިލުމަށް މާލެ ސިޓީގައި ބޭއްވި ބޮޑު ހިނގައިލުމަށްފަހު އާޓިފިޝަލް ބީޗުގައި އޮތް އެއްވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓުން ހޮވިގެން އެކުލަވައިލެވޭ މަޖިލީހަކުން ހުރިހާ ކަމެއްގައިވެސް ނަތީޖާ ނެރެދޭނެ ކަމަށެވެ.
އަޅުގަނޑު ދޭ ޔަގީންކަމަކީ ފުރިހަމަަ ޔަގީންކަމެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވިގެން އެކުލަވައިލެވޭ މަޖިލީހަކުން ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން: ރައީސް މުޢިއްޒު
ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ ގެދޮރުވެރިކަން ކަމަށާއި، އެކަމަށް ހައްލު ހޯދޭނީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުންދޭނެ ބަޔަކު މަޖިލީހުގައި ތިބެގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކަކީ އެކަމުގައި ބޭކާރުވެގެންދާ އަހަރުތަކަކަށްވުމަށް ބޭނުންފުޅުނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.