ރައީސް އެދިވަޑައިގެންނެވި ގޮތަށް ކަރަންޓް ބިލްތަކުން ލުއިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މުޢިއްޒު އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި ގޮތަށް ކަރަންޓް ބިލްތަކުން ލުއިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވައިފިއެވެ.
މިކަން ރައީސް އަންގަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއްކަމަށެވެ. އެހެންކަމުން ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
މިކަމަށް ޢިޝާރަތްކުރައްވާ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިކަމަށެވެ.
އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމުގެ ޔަޤީންކަން ފަހުމީ ދެއްވިއެވެ. ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.