ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގެ ހޯލުގައި ރޭ އޮތް މި ރަސްމިއްޔާތުގައި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިލެއްވި ދެ ފަރާތަށާއި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ.
ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިޢުލާނުކުރައްވާފައެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފައެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފައެވެ. ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.