ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވެވިއެވެ. ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި މި ދަތުރުފުޅުގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާ ސަރުކާރުގެ އިސްބޭފުންނާއި ބައްދަލުކުރައްވައި ޗައިނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި މުހިންމު މަސްވަރާތައް ބާއްވަވާފައިވެއެވެ. އޭގެ ތެރޭގައި ޗައިނާގައި ބޭއްވުނު އިންވެސްޓް މޯލްޑިވްސް ފޯރަމާއި އެކިދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ޗައިނާގެ އެކި ފަރާތްތަކާއެކު ބޭއްވެވި މަޝްވަރާތައް ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.