20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި
މިއަދު ހުވައިކުރައްވާ މަޤާމާ ޙަވާލުވެވަޑައިގެންނެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދެންނެވީ މިއަދު މީސްމީޑިޔާ މަންސައެއްކަމަށްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ޕީއެންސީގެ އެކިއެކި މަޤާމްތަކަށް މެމްބަރުން ވަނީ އިންތިޚާބުވެފައެވެ. އެގޮތުން 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ހޮވިފައިވާއިރު، ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ހޮވިފައެވެ. އަދި ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ހޮވިފައިވާއިރު، ޕީއެންސީގެ ސީނިއާރ ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް ހޮވިފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާޙީމް ޝުޖާއުއެވެ.
މީގެ އިތުރުންވެސް ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ބައެއް މެމްބަރުން ވަނީ ހޮވާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށެވެ.