ރައީސް ޑރ. މުޢިއްޒު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރައްވައިފިި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިންޑިއާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖައިޝަންކަރުއާއި ބައްދަލުކުރެއްވީ މިއަދު ހެނދުނު ނިއުދިއްލީގައެވެ.
ޖައިޝަންކަރު އިންޑީއާގެ ފޮރިން މިނިސްޓަރުކަމުގެ ހުވާކުރެއްވީ އިއްޔެއެވެ. ޖައިޝަންކަރު ވަނީ ނިމުނު ދައުރުގައިވެސް ނަރެންދުރަ މޯދީގެ ކެބިނެޓުގައި ފޮރިން މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައެވެ.
ރައީސްއާއި ޖައިޝަންކަރުގެ ބައްދަލުވުމުގައި ދެޤައުމުގގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެވުނެވެ. އަދި މިބައްދަލުވުމަށްފަހު ޖައިޝަންކަރު ސޯޝަލްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިމަގުގައި ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް މުޢިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުޢިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.