ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ގިނަ ފިޔަވަޅުތަކެއްގެ ތަފްސީލް ރައީސް ދެއްވައިފި
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ގިނަ ފިޔަވަޅުތަކެއްގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރުމަށް ނިންމާފައިވާ ބައެއް މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ބޭއްވުމަށް ނިންމާފައިވާ ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.