Article Image

ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް އެކަމަށްޓަކައި އެކުދިންނާއެކީގަ އޮންނަ ގުޅުން ބަދަހިކުރަންޖެހޭ :ފަސްޓްލޭޑީ

ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، އެކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ބެލެނިވެރިކަމުގެ މަހާއި ގުޅިގެން ދެއްވި މެސެޖްގައެވެ.

އެ މެސެޖްގައި އެކަމަނާ ވަނީ ދަރިންނަށް ރައްކާތެރިކަމާއި އެއީ އަގުހުރި ބައެއްކަން އިހުސާސް ކޮށްދިނުމަށްޓަކައި ބެލެނިވެރިންނާއި ކުދިންނާއި ދެމެދު އިތުބާރާއި ގުޅުންތެރިކަން ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން މެޑަމް ސާޖިދާ ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މައިންބަފައިން ނުވަތަ ބެލެނިވެރިން އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، އެ ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ.

މިގޮތުން އެކި އުމުރުފުރާގެ ކުދިންނާއި ގުޅުން ބަދަހިކުރާ ގޮތް ތަފާތުވާނެކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުއްޖަކާއި އެކީގައި ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖާ އާއި އެކީގައި އެ ކުއްޖާގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާ އާއި އެކީގައި ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖާ އަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް. އެއީ ވަރަށް ބޮޑު ޒިންމާއެއް. އެގޮތުން މައިންބަފައިން ނުވަތަ ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި، އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، އެ ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން އެބަޖެހޭ: މެޑަމް ސާޖިދާ

މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ މިފަދައިން އަމަލު ކުރުމުން ނޫނީ މައިންބަފައިންނާއި ކުދިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ވެގެން ނުދާނެ ކަމަށާއި، މި ގުޅުން ބިނާވަނީ ކުދިން މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާއި މެދު އޮންނަ އިތުބާރު އުފެދުނުވަރަކަށް ކަމަށެވެ.

އެކުދިން އެންމެ އިތުބާރު ކުރަނީ އެކުދިންގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިން ކަމުގައި ވަނީނަމަ އެ ކުދިންނަށް މާހައުލުން ފެންނަ ކޮންމެ ކަމަކަށް އިތުބާރުކޮށް، މާހައުލުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތަކުން އެ ކުދިން ސަލާމަތްކުރުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިކަން ލިބޭކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.