2 މިލިއަން ޑޮލަރުގައިހުރި ސޮވެރިން ފަންޑަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފިން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑަށް މިއަދާ ހަމައަށް 65 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސޮވެރިން ފަންޑަށް ޖަމާކުރާ ފައިސާއަކީ ބޭރުގެ ލޯނުތައް ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާކަމަށާއި، މިއަދާ ހަމައަށް އެފަންޑަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ.
އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒުކުރަން ފަށައި، މިއަދުގެ ހާލަތު، މިއަދު 26 ޖުލައިއާ ހަމައަށް މި ދެންނެވި 2 މިލިޔަން ޑޮލަރުގައި ހުރި ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިޔަން ޑޮލަރު: ރައީސް
ސަރުކާރުން މީގެކުރިން ހާމަކޮށްފައި ވަނީ މިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން، މިހާރުވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލުގެ ބަހުސް މަރުހަލާއަށްފަހު ބިލު ދިރާސާ ކުރުމަށްފަހު މިހާރުވަނީ އަންމުންގެ ޚިޔާލަށް ހުށަހަޅުއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.