މަރްޙޫމު އަތަމާ ޢަބްދުއްލަޠީފްގެ ޚިދުމަތް ފާހަގަކުރައްވާ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
މަރްޙޫމު އަތަމާ ޢަބްދުއްލަޠީފްގެ ޚިދުމަތް ފާހަގަކުރައްވާ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ތަޢުޒިޔާ މެސެޖްގައި ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށްކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ޢަބްދުއްލަޠީފްގެ ޚިދުމަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެއްކަމަށެވެ.
މީގެއިތުރުން ޢަބްދުއްލަޠީފް އަކީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލަހައްޓަވާށިއެވެ. އާމީން. ޤައުމަކަށް ކުޅަ ޚިދުމަތެއް، މީހާގެ ނަން މަތިވެރިވެދާށި، އައުކަމާ ތާޒާކަމާ، ފެހިކަން ނަމަށް ދާއިމްވެދާށި: ރައީސް މުޢިއްޒު
ރައީސް ވަނީ ޢަބްދުއްލަޠީފް އަކީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. އަދި މުޅި ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.