ސަރުކާރުން ޝަރުޢީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ، ނުފޫޒުފޯރުވާ މީހަކު މަޤާމެއްގައި ހުރިނަމަ ވަކިކުރާނަން: ރައީސް
މި ސަރުކާރުން ޝަރުޢީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ، ކަމަށާއި، ނުފޫޒުފޯރުވާ މީހަކު ސަރުކާރުގެ މަޤާމެއްގައި ހުރިނަމަ އެފަރާތެއް ވަކިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު ވަޑައިގެންނެވި ވަގުތު ނޫސްވެރިއަކު މަގުމަތިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަޅުގަނޑު ސަރުކާރެއް އުފެދިގެން އަންނަހިސާބުން ރައީސް އޮފީހުން، އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ޝަރުޢީ ނިޒާމުގެ ތެރެއަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ. އެފަދަކަމެއް ކުރާ މީހަކު މިވަގުތު ފެނުނަސް، އެއީ މަޤާމެއްގަ ހުރި މީހެއްވިއްޔާ ވަގުތުން ވަކިކުރާނަން: ރައީސް މުޢިއްޒު
މި ސަރުކާރުގެ ތެރެއިން ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކުރާ ބޭފުޅަކު، ސަރުކާރުގެ މަޤާމެއްގައި ހުރެއްޖެ ނަމަ، އެ ބޭފުޅަކު މަޤާމުން ވެސް ވަކި ކުރައްވާނެ ކަމަށެވެ.
ރައީީސް މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވައި، ދެއްވި ތަޤުރީރުގައި ވެސް، ވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.